މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާކޮށް، ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމަށް އެކުލަވާލިގާނޫނަކަށް އަމަލުކުރަން ފަށައިފިއެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ގަވާއިދު ހިނގަނީ މެލޭޝީއާގެ އަށް މިލިއަން ޔޫޒަރުން ތިބިކަމަށް ބެލެވޭ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކަށެވެ

މި ގަވާއިދުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރުކުރާނެ ނިޒާމުތައް ގާއިމުކޮށް، 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން ހުރަސްއަޅާފައިވެއެވެ. އާ ގަވާއިދުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރުމަށްޓަކައި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

މެލޭޝިއާގެ ކޮމިއުނިކޭޝަންސް ރެގިއުލޭޓަރު ބުނާގޮތުގައި، މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި ސޯޝަލް މީޑިއާ ކުންފުނިތަކަށް ވަކި މުއްދަތެއްގެ ގްރޭސް ޕީރިއަޑެއް ދޭން ވަނީ ނިންމާފައެވެ. އަދި މި ގަވާއިދަށް އަމަލުނުކުރާ ކުންފުނިތައް 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރާނެއެވެ.

މެލޭޝިއާގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ބުނި ގޮތުގައި، މި ގަވާއިދުތަކުގެ ބޭނުމަކީ ކުދިން އިންޓަނެޓް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އޮންލައިންކޮށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދައިދީ، އުމުރާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމަށް ހަދާފައިވާ ގަވާއިދެއް ކަމަށެވެ.

މިދިޔަ މަހު މެލޭޝިއާގެ ކޮމިއުނިކޭޝަންސް ރެގިއުލޭޓަރުން ނެރުނު ބަޔާނެއްގައި ބުނީ މި ފިޔަވަޅުތަކުގެ ސަބަބުން ކުދިންނަށް ލިބޭ ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ، ދުވަހުން ދުވަހަށް ބަދަލުވަމުންދާ ޑިޖިޓަލް ދުނިޔޭގެ ނުރައްކާތަކުން ސަލާމަތްވުމުގައި މައިންބަފައިންނަށް އިތުރު ހިތްހަމަޖެހުމަކާ ބާރެއް ލިބިގެންދާނެ ކަމަށެވެ.

މެލޭޝިއާގެ އިތުރުން އޮސްޓްރޭލިއާ، ބްރެޒިލް އަދި އިންޑޮނޭޝިއާ ހިމެނޭ ގޮތަށް އެހެން ގައުމުތަކުން ވެސް ވަނީ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އުމުރަށް ބިނާކޮށް ހުރަސްތަކެއް ނުވަތަ ޝަރުތުތަކެއް ކަނޑައަޅާފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، ފްރާންސް، ސްޕެއިން، ޑެންމާކް، ތައިލެންޑް އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ވެސް ދަނީ މިފަދަ އުސޫލުތަކެއް ގާއިމުކުރުމަށް ދިރާސާކުރަމުންނެވެ.