ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.

ފޭދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށާފައިވަނީ ރޭ ފަތިހު 03:45 ހާއިރުއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފަޔަރ ފައިޓަރުން ވަނީ ޕަމްޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 10:10 އާ ހަމައަށް ކުރިއަށް ގެންގޮސްފައެވެ. ސިފައިން ކުރި މި މަސައްކަތުން މިހާރު ވަނީ މަގުތަކުގައި ބޮޑުވެފައި އޮތް ފެންގަނޑު ހިންދައި، އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެސްފައެވެ.

މީގެ އިތުރުން، މި ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫގެ ބައެއް ގެތަކަށް ލިބުނު ގެއްލުންތަކުގައިވެސް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ވައިގަދަވުމުގެ ސަބަބުން ހިތަދޫ ހުޅުދުއާގެ އަދި އޯކަމްލިވާގޭގެ ފުރާޅު ރޭ ވަޔާ އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެ ގޭގެއަށް ގޮސް އެހީތެރިވެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ރައްޔިތުން މޫސުމަށް ސަމާލުވުމަށާއި، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.