ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމަށްޓަކައި މިއަދު މެންދުރު ފަހު 1:00 ގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ ބާއްވަން ތާވަލްކުރީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް ކުއްލި ގޮތަކަށް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު ހެނދުނުގެ ޖަލްސާއަށް ތާވަލްކޮށްފައި ވަނިކޮށް، އޭނާ ވަނީ މަގާމުން ވަކިވުމަށް ސިޓީ ފޮނުއްވާފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ހެނދުނު ބޭއްވި ޖަލްސާ ނިންމަވާލެއްވީ، ނާޒިމް އިސްތިއުފާ ދެއްވުމުން އެވަގުތުގެ އެޖެންޑާގައި އިތުރު މަސައްކަތެއް ނެތުމުންނެވެ. ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން މަޖިލީހުގެ ރައީސް ވަނީ މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރައްވާފައެވެ.

އެ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އާންމުކޮށްފައި ނުވި ނަމަވެސް، މައުލޫމާތު ލިބޭގޮތުން އެޖަލްސާގެ މައިގަނޑު ބޭނުމަކީ ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމެވެ.