ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެއްވެސް މެމްބަރަކު ޕާޓީން ވަކިވެގެން ނުދިއުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށާއި، އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހު 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ނަޝީދު އެކްސްގައި ޕޯސްޓުކުރެއްވި ވީޑީއޯއެއްގައި ވަނީ ޕާޓީގެ އެތެރޭގެ ހިންގުމާއި މެންބަރުން އިތުރުކުރުމުގެ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނަ، ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕާޓީގެ އެއްވެސް މެންބަރަކު ވަކިވެގެން ދިއުމަކީ އެދޭ ގޮތެއް ނޫން ކަމަށާއި، ހިޔާލުތަފާތުވުންތަކާ އެކު ވެސް އެންމެން އެކުގައި ކުރިއަށް ދިއުން މުހިންމު ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް ބޮޑުކުރުމަކީ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ފާހަގަކުރެއްވިއެވެ.

އެތެރޭގެ އެއްބައިވަންތަކަން ހިފެހެއްޓުމަކީ ކުރިއަށް އޮތް ސިޔާސީ މައިދާނުގައި ކާމިޔާބީ ހޯދުމަށް އޮތް އެންމެ ބޮޑު ބާރުކަމުގައިވާއިރު ނަޝީދު ވަނީ އެމްޑީޕީގެ އެއްވެސް މެންބަރަކު ޕާޓީން ވަކި ނުވުމަށް އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައިވާ ގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 43،784 މެންބަރުންނެވެ. މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގައެވެ. އެއީ 74،048 މެންބަރުންނެވެ.