އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޑަބްލިއުޑީސީ ނުވަތަ އަންހެނުންގެ ކޮމިޓީ މެންބަރުންގެ މުސާރަތައް ބޮޑުކުރަން ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާ އިއުލާންކުުރުމުން އަމާޒުވި ފާޑުކިޔުންތަކާއެކު އެ މުސާރަތައް ކުޑަކުރަން ނިންމައިފިއެވެ.

އެގޮތުން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ އަސާސީ މުސާރަ 33،000ރ އަދި ލިވިން އެލަވަންސް 8،500ރ އާއެކު 41،500 ލިބޭގޮތަށް ކަނޑައަޅާފައި އޮތް އޮތުން މިހާރު ވަނީ 20،000ރ އަށް ކުޑަކޮށްފައެވެ. އަދި ރަށްރަށުގެ ޑަބްލިއުޑީސީ ރައީސުންގެ އަސާސީ މުސާރަ 16،500ރ އަދި ލިވިން އެލަވަންސް 4،500ރ އާއެކު 21،000ރ ލިބޭގޮތަށް ކަނޑައަޅާފައި އޮތް އޮތުން މިހާރު ވަނީ 15،000ރ އަށް ކުޑަކޮށްފައެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ ޑަބްލިޔުޑީސީ ނައިބު ރައީސުންނަށް 7000ރ އަދި ރަށު ކައުންސިލްތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް 6000ރ ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. ސިޓީ ކައުންސިލްތަކުގެ ޑަބްލިޔުޑީސީ މެމްބަރުންނަށް 6000ރ ދޭން ނިންމާފައިވާއިރު، ރަށު ކައުންސިލްތަކުގެ ޑަބްލިޔުޑީސީ މެމްބަރުންނަށް 5000ރ ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައަޅަން ޖެހެނީ ޕޭ ކޮމިޝަނުންނެވެ. އެއާއެކު ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ފަހު، އެ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލަށް އިއްޔެ ސިޓީއެއް ފޮނުއްވާފައެވެ.

މުސާރަތައް ބޮޑުކުރުމާ ގުޅިގެން އިއްޔެއާއި މިއަދު ސޯޝަލް މީޑިއާގައި އާންމުން ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، މި ވާހަކައާއި ގުޅިގެން އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަސައްކަތްތައް އެދެވިގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަަމަށެވެ. އަދި ޑަބްލިއުޑީސީގެ ރައީސާގެ މަސްއޫލިއްޔަތު ތަކާއި މަސައްކަތްތަށް އާންމުނުކޮށް ހާސިލް ކުރަންޖެހޭ ލަނޑުދަނޑިއެއް ނެތި ބޮޑު އަދަދުތަކުން މުސާރަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މީހާ ހިއްސާކޮށްފައި ވެއެވެ.

އަދި އެހެން ފަރާތަކުން ވަނީ ސިވިލް ސާވިސް އުވާލުމަށްފަހު ސިޔާސީ މަގާމުތައް އުފެއްދުމަށްވެސް ގޮވާލާފައެވެ.

އަންހެނުން ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ވެ ވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީސް ކެމްޕޭން ތެރޭ ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުން ކޮމިޓީ ބާރުވެރިކޮށް، ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.