މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު އެލާޓްގައި ބުނެފައި ވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 19:30 އާ ހަމައަށް ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށްމޫސުން އާދަޔާހިލާފަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް އިންތިހާއަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ޗެކްކުރުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.
ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުވުމަށް އަންގައި ނެރޭ އެލަރޓެކެވެ. މެޓް އޮފީހުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ގާތުން މޮނިޓާކުރަމުންނެވެ.
