ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި، މ. ވެލަގަލި، ޑރ. މުހައްމަދު މާހިދު ޝަރީފު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި މަގާމަށް އައްޔަންކުރެއްވި ޑރ. މާހިދަކީ ދައުލަތުގެ އިސް މަގާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލާކަން ކުރައްވާފައެވެ. މި މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމުގައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޑރ. މާހިދު ވަނީ ޑޮކްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓާ މެނޭޖްމަންޓްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ޑރ. މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، ރައްޔިތުންގެ އަޑުއަހައިގެން ގާތުން މަސައްކަތްކުރާ ސަރުކާރަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގާއިމުކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

މި ބިއުރޯގެ މައިގަނޑު މަގްސަދަކީ 24 ގަޑިއިރު ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ބަލައިގަނެ، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހަޅާ ކަންކަން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމެވެ. އަދި ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ސާފުކޮށް، ރައްޔިތުންނަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމުގެ އިތުރުން، މި ބިއުރޯގެ ދަށުން 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.