ދިވެހިރާއްޖޭގެ ސަރުކާރުން "ވަން ޗައިނާ ޕްރިންސިޕަލް" އަށް ދޭ ތާއީދު އަލުން ކަށަވަރުކޮށްދީ، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ރަސްމީކޮށް ބަލައިގެންފައިވާކަމަށްމިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހާމަކޮށްފިއެވެ.
މިއަދު އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައިވެސް، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީއްސުރެ ރާއްޖެއިން ގެންގުޅެމުންދާ ދެގޮތެއްނުވާ ސިޔާސަތު ދަމަހައްޓަމުންދާކަން ފާހަގަކޮށްފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ގަރާރު 2758 އާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޗައިނާގެ ސަރަހައްދުން ވަކިނުކުރެވޭނެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، ޗައިނާއާއެކު އޮތް ޒަމާންވީ ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ޗައިނާއިން ދެމުންގެންދާ މެދުކެނޑުމެއްނެތް އެހީތެރިކަން ދިވެހި ސަރުކާރުން ބަލައިގަންނަނީ ނުހަނު ޝުކުރުވެރިކަމާއެކު ކަމަށާއި، ދެ ގައުމުގެ ސުލްހަމަސަލަސްކަމާއި، ހަމަޖެހުމާއި، އަދި ދެފަރާތަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
