ސޯޝަލް މީޑިއާ އިންފްލުއެންސާ ސަނާ ޔޫސުފް މަރާލި މައްސަލާގައި އުމުރުން 23 އަހަރުގެ އުމަރު ހަޔާތު މަރުގެ އަދަބު ދިނުމަށް ޕާކިސްތާނުގެ ކޯޓަކުން، ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު، އުމުރުން އެންމެ 17 އަހަރުގެ ސަނާ ޔޫސުފް އޭނާގެ އަމިއްލަ ގޭގައި އުޅެނިކޮށް، ބަޑިން ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން، ޕާކިސްތާނުގައި އަންހެނުންގެ ރައްކާތެރިކަމާ ބެހޭގޮތުން ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
ފުލުހުންގެ ތަހުގީގުން އެނގޭ ގޮތުގައި އުމަރު ހަޔާތު ވަނީ ސޯޝަލް މީޑިއާގެ ޒަރީއާއިން ސަނާއާ ދިމާވެ، އޭނާއަށް ހިތްކިޔައި، އޭނާ ދެކެ ލޯބިވީކަން ހާމަކޮށްފައެވެ. ޓިކޮޓޮކްގައިވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ސަނާގެ އުފަންދުވަހާ ދިމާކޮށް އުމަރު އޭނާއާ ބައްދަލުކުރަން އިސްލާމްއާބާދަށް ދިޔަ ނަމަވެސް، ސަނާ ވަނީ އޭނާއާ ބައްދަލުކުރަން ދެކޮޅު ހަދާފައެވެ. މިކަމުގެ ސަބަބުން ސަނާ ގަސްތުގައި އޭނާއަށް ފިލަނީ ކަމަށް އުމަރަށް ހީވިއެވެ. އަދި ޖޫން 2 ވަނަ ދުވަހު އުމަރު ބަޑިއެއް ހިފައިގެން ސަނާގެ ގެއަށް ދިޔައެވެ.
ސަނާ ބޭރަށް ނިކުތުމަށް ދެކޮޅު ހެދުމުން، އޭނާ ގަދަކަމުން ގެއަށް ވަދެ ހިންގި ދެބަސްވުމެއްގެ ތެރެއިން ސަނާގެ ގަޔަށް ބަޑިޖަހާ މަރާލިއެވެ. މި ހާދިސާ ހިނގިއިރު ސަނާގެ މަންމަ އާއި ބޮޑުދައިތަ އެތަނުގައި ތިއްބެވެ. ކުށް ކުރުމަށްފަހު ފިލައިގެން އުޅުނު އުމަރު ހަޔާތު، ހާދިސާ ހިނގިތާ 20 ގަޑިއިރު ތެރޭގައި ފުލުހުން ވަނީ ފައިސަލްއާބާދުން ހައްޔަރުކޮށްފައެވެ. އޭނާ ފުރަތަމަ ކުށަށް އިއުތިރާފުވި ނަމަވެސް، ފަހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
އިސްލާމްއާބާދުގެ ކޯޓުން ބޭރުގައި މީޑިއާއާ ވާހަކަދައްކަމުން ސަނާގެ ބައްޕަ، ހަސަން ޔޫސުފް ބުނީ މި ހުކުމަކީ މުޅި މުޖުތަމައުއަށް ލިބުނު ފިލާވަޅެއް ކަމަށާއި، މިފަދަ ޖަރީމާތައް ހިންގާ ކުށްވެރިންނަށް އެމީހުން ކުރާ ކަންތައްތަކުގެ ހައްގު އަދަބު ލިބޭނެކަން މިއަދު ސާބިތުވެއްޖެ ކަމަށެވެ.
ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ހާމަކުރާ ގޮތުގައި، އެ ގައުމުގައި އަންހެނުން އަމިއްލަ މިނިވަންކަން އިހްތިޔާރުކުރުމާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުމުގެ ސަބަބުން، "އިއްޒަތުގެ ނަމުގައި" މަރާލެވޭ އަންހެނުންގެ އަދަދު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ.
