ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ ޑިއުޓީ ކަނޑާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ފިޝަރީޒް މިނިސްޓަރު އަ ހްމަދު ޝިޔާމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހުގެ ޑިއުޓީ ކަނޑާލުމަށް ނިންމި ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މިއީ ދިވެހި މަސްވެރިންނާއި، އެމީހުންގެ އާއިލާތަކާއި، ރަށްރަށުގެ އިގްތިސާދުގެ އިތުރުން މަސް ބަންދުކުރާ ކާރުހާނާތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި މަސްވެރިން ކުރާ "ދޮށީގެ މަސްވެރިކަމަކީ" ދެމެހެއްޓެނިވި މަސްވެރިކަމުގެ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަސްވެރިކަމެކެވެ. ރާއްޖޭގެ ކަނޑުމަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި، ޒިންމާދާރު ގޮތެއްގައި ކުރާ މަސްވެރިކަމެއްކަމަށް އަލިއަޅުވާލާ، މިއަދު މިމަސްވެރިކަން، އެންމެ މުހިންމު އެއް މާކެޓުގައި ބަލައިގަނެ، އެކަމަށް ހައްގުވާ އިިހުތިރާމް ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ޝިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އާ އުސްމިންތަކަކަށް ގެންދިއުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން، މި ނިންމުން ހަގީގަތަކަށް ހެދުމަށްޓަކައި ރާއްޖެއާއި އިނގިރޭސިވިލާތުގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއި ކަމާގުޅޭ ފަރާތްތަކުން މެދުނުކެނޑި ކުރި މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށްވެސް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.
މިއީ ރާއްޖޭގެ އިގްތިސާދަށާއި މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ތާރީހީ ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދަނީ ސިފަކުރަމުންނެވެ.
