މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކުން 1 ރުފިޔާ ބޮޑުކޮށް، ކިލޯއެއް 21 ރުފިޔާއަށް އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން އެ ކުންފުނީގެ ސެންޓަރުތަކާއި މަސް ކިރާ ބޯޓުފަހަރުން މަސް ގަންނަމުންދާނީ މި އައު ރޭޓުގައެވެ. އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401 ބޯޓުން މިއަދު މަސް ގަންނަމުންދާނީ ކިލޯއެއް 21 ރުފިޔާގެ ރޭޓުންނެވެ.
އަގަށް ގެނައި މި ބަދަލާއެކު ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރެ އަދި ދެކުނުގެ މަސްވެރިކަމުގެ ސަރަހައްދުތަކުން މިއަދު ޖުމްލަ 442 މެޓްރިކް ޓަނުގެ މަސް ގަތުމަށް މިފްކޯއިން ވަނީ އަމާޒު ހިފާފައެވެ.
މިފްކޯއިން ބުނި ގޮތުގައި އަގަށް މިހާރު ގެނައި ބަދަލުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ވިޔަފާރިވެރިންގެ އަގުތަކާ އެއް ހަމައެއްގައި ކުންފުނީގެ އަގުތައް ހިފެހެއްޓުމާއި، މުޅި ރާއްޖޭގެ މަސްވެރިންނަށް ސީދާގޮތުން މަންފާ ފޯރުކޮށްދިނުމެވެ.
މިފްކޯއިން މަސް ގަންނަ އަގު އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހުއެވެ. އެފަހަރު ކިލޯއަކަށް 18.00 ރުފިޔާގެ މަގުން ހުރި އަގު 20.00 ރުފިޔާއަށް ބަދަލުކުރީ ބާޒާރުގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް، މަސްވެރިންނަށް ހައްގު މިންވަރު ކަށަވަރުކޮށްދިނުމަށްކަމަށެވެ.
