ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ ބޭސް ފިހާރަ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.

މިއަދު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ "ސްޓޭފާމާ އައިޖީއެމްއެޗް ފާމަސީ"ގެ ނަމުގައި އަލަށް ހުޅުވި ބޭސްފިހާރަ ގާއިމުކުރީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ބޭސްފިހާރައެވެ. ހަމަ އެހެންމެ މެދުކެނޑުމެއް ނެތި ބޭސް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ފާމަސީން 24 ގަޑިއިރު ހިދުމަތް ލިބުމުގެ އިތުރުން މިއީ އާއްމުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ހާސިލްކުރި މުހިއްމު ކަމެއް ކަމަށް ބުންޏެވެ.

އަދި އެތަނުގައި ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެކަމަށްޓަކައި "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ޝިއާރުގެ ދަށުން، ބޭސް ލިބުމުގައި ރައްޔިތުން އުފުލާ ތަކުލީފުތައް ކުޑަކޮށް އެކަމުގައި ހުރި މައްސަަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ބުނެފައި ވެއެވެ.

އެސްޓީއޯގެ ދަށުން ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދިޔަނަމަވެސް މިދިޔަ އެޕްރީލް މަހުން ފެށިގެން އެ މަސައްކަތް ބޭސް ކުންފުނިން ވަނީ މަޑުމަޑުން ކުރަން ފަށާފައެވެ. އަދި މިއަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެއްކޮށް ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ، ހޮޓްލައިން ނަންބަރެއްވެސް ތައާރަފްކޮށްފައެވެ. ދައުލަތުގެ ބޭސް ކުންފުނިން ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ހިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ނަންބަރެކެވެ.