ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ނިންމާލާފައިވާ ކަމަށާއި އަދި އެ ހަތަރު މީހުންގެ ހަށިގަނޑު މި ވަގުތު އިޓީ މޯޗަރީގައި ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އިއްޔެ ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ނަގާފައިވާ ދެ މީހުންގެ ހަށިގަނޑަކީ ފެޑެރިކޯ އާއި ޕްރޮފެސާ މޮނިކާގެ ހަށިގަނޑު ކަމަށެވެ. އަދި މިއަދު ކުރިއަށްގެންދިޔަ ސާޗް އޮޕަރޭޝަންގައި ބާކީ ތިބި ދެމީހުންގެ ހަށިގަނޑުވެސް ނަގާފައިވާ ކަމަށާއި އެމީހުން ދެނެގަނެވިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މިހާރު އެމީހުންގެ ހަށިގަނޑު އޮތީ މޯޗަރީގައި ކަމަށާއި އަދި އެމީހުންގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ސާޗް އޮޕަރޭޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ތަރުޖަމާނު ވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ. އެގޮތުން ޑޭން ކޮމްޕެނީ އަދި ފިން ލޭންޑްގެ ޑައިވަރުންނަށާއި ރާއްޖޭގެ ދެ ކުންފުނި ކަމަށްވާ ފޯސައިޓް އަދި ވޯޓާ ސޮލިއުޝަންސް އިން ހިލޭ ސާބަހަށް ފޯރުކޮށް ދިން އެހީތެރިކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓް ގާޑް އަދި ފުލުހުންގެ ޑައިވަރުންނަށް ވެސް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.

މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ފެނުނު ހަތަރު މީހުންގެ ހަށިގަނޑުތައް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިޓަލީ ސަރުކާރާ މަޝްވަރާ ކުރުމަށްފަހުކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. މި ފަސް ފަތުރުވެރިން ގެއްލިގެން ހޯދަމުންދަނިކޮށް، ފުރަތަމަ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ.

ފުރަތަމަ ހަށިގަނޑު ފެނުމާއެކު ބާކީ 4 ފަތުރުވެރިން ހޯދުމަށް ފެށި ހާއްސަ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން މެދުކަނޑައިލުމަށްފަހު، މި މަހުގެ 18 ވަނަ ދުަވހު މި މަސައްކަތް އަލުން ފެށީ، އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާ އެކުގައެވެ.

އެގޮތުން 4 ފަތުރުވެރިން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އެ ދުވަހު 4 މީހުންގެ ހަށިގަނޑުވެސް ވަނީ ލޮކޭޓްކުރެވިފައެެވެ. މި 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައި ވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރެއިން ދެ ޑައިވަރެއްގެ ހަށިގަނޑު އިއްޔެ ނަގާފައިވާއިރު، އަނެއް ދެ މީހުންގެ ހަށިގަނޑު މިއަދު ވަނީ ނަގާފައެވެ.