ސަޢޫދީ އަރަބިއްޔާގެ ރަފްހާ ސަރަހައްދުގައި ހިމެނޭ "ލީނާ" ކިޔާ ރަށަކުން ފެނިފައިވާ ތާރީހީ ފެންވަޅުތަކަކީ މިއަދުގެ ސައިންސްވެރިންނާއި ދިރާސާކުރާ ފަރާތްތައް ހައިރާންކަމެއްގެ ތެރެއަށް ދޫކޮށްލާފައިވާ އާސާރީ ބިނާތަކެކެވެ. މި ވަޅުތަކަކީ މާތް ﷲ ގެ ނަބިއްޔާ ސުލައިމާނު عليه السّلام ގެ ޒަމާނާ ގުޅިފައިވާ، އަދި އެކަލޭގެފާނުގެ ލަޝްކަރުގައި ހިމެނޭ ޖިންނީން ކޮނެފައިވާ ވަޅުތަކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.
މި ސަރަހައްދުން މިފަދަ 300 އެއްހާ ފެންވަޅު ފެނިފައިވާއިރު، މީގެ އޮނިގަނޑު ހުރިގޮތުން މިއީ އިންސާނުންގެ ބާރާއި އިލްމުން ކުރެވިދާނެ ކަމެއްާމެދު ސުވާލު އުފެދެއެވެ. މިއިން ކޮންމެ ވަޅެއްގެ ފުންމިނުގައި ގާތްގަނޑަކަށް 20 މީޓަރު ހުރެއެވެ. ބައެއް ވަޅުތަކުގެ ފުޅާމިނުގައި ހުންނަނީ އެންމެ ދޮޅުފޫޓެވެ. އިންސާނަކަށް އޭގެ އެތެރެއަށް ފައިބައިގެން މި ވަޅު ކޮނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މި ސަރަހައްދަކީ ގަދަފަދަ، ހަރު ހިލައިގެ ބިމެކެވެ. އެންމެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެންވެސް، އިންސާނުންނަށް މިހާ ހަނިކޮށް އަދި މިހާ ހިމުންކޮށް މިފަދަ ގިނަ އަދަދެއްގެ ވަޅު ކޮނުމަކީ އިންތިހާއަށް ދަތި އުނދަގޫ ކަމެކެވެ. މި ހެކިތަކުން ދަލީލުކޮށްދެނީ، މި ވަޅުތަކަކީ އިންސާނީ ބާރުގެ ބޭރުން، އާދަޔާހިލާފު ބާރަކުން ކޮށްފައިވާ މަސައްކަތެއް ކަމެވެ.
މި ވަޅުތަކާއި ގުޅިފައިވާ ތާރީހީ ހާދިސާ
ސުލައިމާނު عليه السّلام ގެ ބިޔަ ލަޝްކަރު އެކުލެވިގެންވަނީ ހަމައެކަނި އިންސާނުންގެ މައްޗަކަށް ނޫނެވެ. އެކަލޭގެފާނުގެ ލަޝްކަރުގައި ޖަނަވާރުތަކާއި، ދޫނިސޫފާސުއިއްޕާއި، ޖިންނި ޝައިތާނުންގެ އިތުރުން މާރިދުންވެސް ހިމެނެއެވެ. މި ވަޅުތައް ކޮނުމާ ގުޅިފައިވާ ހާދިސާއަކީ، ސުލައިމާނު عليه السّلام ގެ ލަޝްކަރު ޔަމަނުގެ ސަބާއަށް ދަތުރުކުރި މަގުމަތީގައި، މި ދެންނެވި ލީނާ ކިޔާ ރަށަށް މަޑުކުރި ކުރުމެވެ. އެވަގުތު ލަޝްކަރުން ބޯފެން ހުސްވެ، މުޅި ސަރަހައްދުންވެސް ފެންފޮދެއް ލިބޭނެ ގޮތެއް ނެތި، ކަރުހިއްކުމުގެ ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހުނެވެ.
ލަޝްކަރު ފެނަށް ޖެހިފައިވަނިކޮށް، އެތަނުގައި ހުރި ޖިންނިއަކު ހީހީފައި އުޅެނިކޮށް ސުލައިމާނު عليه السّلام އަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު އެކަމާ ސުވާލުކުރެއްވުމުން ޖިންނި ދެންނެވިއެވެ. "ކަލޭގެފާނު ފެންފޮދެއް ބޯލަން ބޭނުންފުޅުވެ ވަޑައިގެން ހުންނެވިއިރު، ކަލޭގެފާނުގެ ފައިތިލަފުޅުގެ ދަށުގައި ފެން އެބަހުއްޓެވެ. އެހެންވެ އަޅުގަނޑަށް ހެވުނީއެވެ." ޖިންނީގެ ޖަވާބަށްފަހު، ސުލައިމާނު عليه السّلام އެތަނުގައި ވަޅުކޮނުމަށް އަމުރުކުރެއްވިއެވެ.
އެހިނދު، އެ ސަރަހައްދުގައި 300 ފެންވަޅު ކޮނެވި، މުޅި ލަޝްކަރަށް ބޭނުންވާ ވަރަށް ފެން ލިބި، ކަރުހިއްކުން ފިލައިގެންދިޔައެވެ. މިއަދު ސަޢޫދީ އަރަބިއްޔާއިން ފެންނަން ހުރި މި އާސާރީ ވަޅުތަކަކީ، ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ސުލައިމާނު عليه السّلام ގެ މުއުޖިޒާތްތަކާއި، ޖިންނީން އެކަލޭގެފާނަށް ކިޔަމަންތެރިކުރެއްވި ކަމުގެ ބޮޑު ހެއްކެކެވެ.
އެއްޒަމާނެއްގައި އެ ސަރަހައްދުގައި 300 ވަޅު ހުރި ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، މިއަދު ސަލާމަތުން އަދި ފެންނަން ހުރީ އޭގެ ތެރެއިން އެންމެ 20 ވަރަކަށް ވަޅެވެ. މި ވަޅުތަކަކީ ސައިންސްވެރިންވެސް ހައިރާންކޮށްލި ޝައުގުވެރި އެތައް ވާހަކައެއްގެ މައްޗަށް ބިނާވެގެންވާ ވަޅުތަކެކެވެ. ތާރީހާއި އާސާރީ ކަންކަން ދިރާސާކުރާ ފަރާތްތަކާއި ސައިންސްވެރިން އަދިވެސް މި ތަން ދިރާސާ ކުރަމުން އަންނައިރު މުއުމިނުންނަށް މި ތަންތަނަކީ ހަމައެކަނި މާއްދީ ބިނާތަކެއް ނޫނެވެ. އެއީ ދުނިޔޭގައި އިލާހީީ ކުޅަދުންވަންތަކަމާއި މުއުޖިޒާތްތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރި ޒަމާނެއް ހަނދާންކޮށްދޭ ނިޝާންތަކެކެވެ.
