ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ފެއްޓެވި ސިޔާސީ ހަރަކާތަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ވަނީ ރަސްމީކޮށް ފާސްކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި ގަރާރަކާއެކުއެވެ. ފައްޔާޒު އިސްމާއީލް ގައުމީ މަޖިލީހަށް ހުށަހެޅި މި ގަރާރައް ތާއީދުކުރެއްވީ ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ގަރާރު ވަނީ ފާސްކޮށްފައެވެ.
މި ގަރާރުގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ. އެގޮތުން ގައުމުގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައިގެން މަޖިލީހުގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. އަދި ފަނޑިޔާރުގެތަކާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށްފަހު ގައުމު ހުދުމުހުތާރު މިސްރާބަކަށް ގެންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ އިތުރުން، އިގުތިސޯދީ ދަތިކަމާއި، ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ މި ހަރަކާތުގައި ބައިވެރިވާން ޖެހޭ މައިގަނޑު ސަބަބުތައް ކަމުގައި ފާހަގަކޮށްފައިވެއެވެ.
ގައުމުގައި ގެއްލިފައިވާ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން އަލުން ހޯދުމަށްކަމަށް ބުނެ، ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން އެކުގައި ފައްޓަވާފައިވާ މި ހަރަކާތް ހިންގުމަށްޓަކައި ތިން ރައީސުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ފައްޔާޒު އިސްމާއީލާއި އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވާއިރު، ރައީސް ޔާމީންގެ މަންދޫބުންގެ ގޮތުގައި ތިއްބަވަނީ މުހައްމަދު މަލީހް ޖަމާލާއި އިސްމާއިލް ޒަރިޔަންދެވެ. އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން މި ކޮމިޓީގައި ތަމްސީލުކުރައްވަނީ އަހުމަދު ސަލީމާއި މުހައްމަދު ރަޝީދު ހުސައިންނެވެ.
