1447 ވަނަ އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ފުރި އެންމެހާ ހައްޖާޖީން ފުރުވާލުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ހައްޖާޖީން ފުރުވާލުމުގެ ކަންކަން މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ކުރި އިހުލާސްތެރި މަސައްކަތްތަކުގެ ސަބަބުންނެވެ.

މި އިންތިޒާމުތައް ކަށަވަރުކުރުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖާ ސާވިސް، ޓާމިނަލް ސާވިސް އަދި އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ އިތުރުން ކުންފުނީގެ އެންމެހާ މުވައްޒަފުން ވަނީ ނުހަނު ތަރުތީބުކަމާއެކު ގިނަގުނަ ތައްޔާރީތަކެއް ވެފައެވެ.

ހައްޖުވެރިންނަށް އެމްއޭސީއެލްގެ މުވައްޒަފުން އެހީތެރިވަނީ / ފޮޓޯ: އެމްއޭސީއެލް

ހައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ ވޯޓާ ފްރަންޓު އިމާރާތުގައި ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ. މީގެ އިތުރުން، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހައްޖުވެރިންނާއި އެބޭފުޅުންގެ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތަކުގެ އިތުރުން، ފެން ފޯރުކޮށްދިނުމާއި ވުޟޫކުރުމުގެ ފަސޭހަ އިންތިޒާމުތައްވެސް އެމްއޭސީއެލްއިން ވަނީ ފަހިކޮށްދީފައެވެ.

މި އަހަރުގެ ހައްޖުވެރިންނަށް ލުއިފަސޭހަ އަދި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެމްއޭސީއެލްއިން ކުރި މަސައްކަތްތަކުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.