ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން އުޅެނިކޮށް ގެއްލުނު ހަތަރު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް މިއަދު ފެނިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

މި ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ހަށިގަނޑު ލޮކޭޓް ކުރެވިފައިވަނީ އެމީހުން ޑައިވް ކުރަން އުޅުނު ކޭވް (ހޮހަޅަ) ތެރެއިންނެވެ. މި ހަތަރު މީހުންނަކީވެސް އެ ހޮހަޅައަށް ޑައިވް ކުރަން ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ބައެކެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ، މިހާރު ހަށިގަނޑުތައް ފެނިފައިވާ ސަރަހައްދުން އެމީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.

އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި ފަސް ޓޫރިސްޓުން ގެއްލިގެން ހޯދަމުންދަނިކޮށް، އެކެއްގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިން ވަނީ ފެނިފައެވެ. ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ބާކީ ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަލުން ފެށީ މިއަދުއެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.