ހުޅުމާލޭގެ ކަންނެލި ޖެޓީ ސަރަހައްދުގެ ފަޅުތެރެއަށް އެއްވަމުންދާ ކުނިތައް ނަގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި، ކަންނެލި ޖެޓީ ސަރަހައްދުގެ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ އެ ކޯޕަރޭޝަނުގެ ޓީމުން އާދަކޮށް ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން އެ ސަރަހއްދު ސާފުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ފަޅުތެރެއަށް އުކާލާފައިވާ އެކި ބާވަތުގެ ކުނިތައް ނަގައި، އެ ސަރަހައްދު ވަނީ އާންމު ހާލަތަކަށް ގެނެސްފައެވެ.
ހުޅުމާލެ ކަންނެލި ޖެޓީ ފަޅުތެރޭގައި ގިނަ އަދަދެއްގެ ކުނިތައް ޖަމާވެފައިވާ އިރު، ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ހުރިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ހަމާއި، ހުސްކުރި ކިރު ޕެކެޓްތަކާއި ތައްޔާރީ ބާވަތްތައް ހުސްކުރި ޕެކެޓްތައް ވެސް އެ ސަރަހައްދުގައި ގިނަ އަދަދަކަށް ހުރި ކަން ފާހަގަކުރެވެއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން އިތުރަށް ބުނެފައި ވަނީ، ހުޅުމާލޭގެ މިފަދަ ސަރަހައްދުތައް ސާފުތާހިރުކޮށް ބޭއްވުމަކީ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ސަރަހައްދުތައް ސާފުކޮށް ބޭއްވުމުގައި އާންމުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް، ތިމާވެށި ރައްކާތެރިކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއީ ހުޅުމާލޭގެ މާހައުލު ރީތިކޮށް ބޭއްވުމަށާއި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ސާފުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކުރާ މަސައްކަތެކެވެ.
