ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމާ ގުޅިގެން، ލާމަރުކަޒީ ނިޒާމު ދިފާއުކުރުމަށްޓަކައި މެދުކެނޑުމެއްނެތް ވަރުގަދަ އިހުތިޖާޖަކަށް ނުކުތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައުންސިލްތަކަށް ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު "އެކްސް" ގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، ކައުންސިލްތަކުގެ އާމްދަނީއާއި ބިންތައް ސަރުކާރަށް ނެގުމަށްޓަކައި ގާނޫނަށް ބަދަލުތައް ގެންނަވަމުންދާ ކަމަށެވެ. އަދި މިއަދު ކައުންސިލްތަކުން ދިގުދެމިގެންދާ އިހުތިޖާޖެއް ފަށައި އެކަމަށް ވަކާލާތު ނުކޮށްފިނަމަ، މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑުވެ ގެއްލިދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ކައުންސިލަރުން ކުރައްވާ މިފަދަ މަސައްކަތްތަކުގައި އެ ބޭފުޅުންނަށް ވޯޓު ދިން އެންމެހާ ރައްޔިތުން ސާބިތުކަމާއެކު ފަހަތުގައި ތިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ނަޝީދު ދެއްވިއެވެ.
ސަރުކާރުގެ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
މި ބިލު ކޮމިޓީ މަރުހަލާގައި ދިރާސާކުރިއިރު ވަނީ މުހިންމު ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން، ސަރުކާރަށް ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން ނަމަވެސް އެއްވެސް އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ފަރާތަކަށް އެކަށޭނަ މާލީ ބަދަލެއް ދޭންޖެހޭނެ ކަމަށް ވަނީ ގާނޫނުގައި ކަނޑައަޅާފައެވެ.
