މާލޭގެ ބައެއް މަގުތަކުގައި ހިމެނޭ ގޭބިސީތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން، ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މާލޭގެ ކޯރުކެނޑިމަގު، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑުމަގުގައި ހިމެނޭ ގެތަކުންނެވެ.

މި މައްސަލަ ދިމާވުމާއެކު، ސްޓެލްކޯގެ ޓެކްނިކަލް ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ ކުންފުނިން ބުނީ، ދިމާވި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށް، މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގެ އެކު ސަރަހައްދުތަކުން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން، ވިނަރެސްގެ 10 ޓަވަރާއި، އަމާން ދޯދި 12، 13، 14، 15، އަދި 16 ވަނަ ޓަވަރުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

އެފަހަރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލްތަކަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.