ގައުމެއްގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ބަދަހި އަދި ހަރުދަނާ އާއިލާތަކެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލާއެއްގެ ފެށުމަކީ މައިންބަފައިން ކަމަށްވާއިރު، މާތްﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެންވާ އެއް ކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތުމާއި ކިޔަމަންތެރިވުން ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނުގައި އާއިލާއަށް ދީފައިވާ މަތިވެރި ގަދަރާއި އަހުމިއްޔަތު ހަމައެކަނި މިކަމުންވެސް ވަރަށް ސާފުކޮށް ހާމަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށެވެ. އަދި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އާއިލީ ގުޅުންތައް ބަދަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސް މުއިއްޒު ވަނީ ދިވެހި ކޮންމެ ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅާލުމާއެކު ބާއްޖަވެރި ހަޔާތަކަށް އެދި ދުއާކުރައްވައި، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ދިވެހި އާއިލާތަކަށް ފޮނުއްވާފައެވެ.