ސީޝެލްސްގެ ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ މިނިސްޓަރު ބެރީ ފޯ ރަސްމީ ދަތުރުފުޅެއްގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ 13 މެއި 2026 ގައި ބެރީ ފޯ ފެއްޓެވި މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުންކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަކީ މި ދަތުރުފުޅުގެ މުހިންމު އަމާޒެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ބެރީ ފޯ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް އެއާޕޯޓަށް ވަޑައިގެން ސީޝެލްސްގެ މިނިސްޓަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި 1980 ގައެވެ.
ވޭތުވެދިޔަ 40 އަށްވުރެ ގިނަ އަހަރުގެ ތެރޭގައި ދެ ގައުމުން ވަނީ ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކޮށްފައިކަމަށާއި، އަދި މި ދެ ގައުމަކީ ވެސް ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ވުމާއެކު، މޫސުމީ ބަދަލުތަކާއި، ފަތުރުވެރިކަމާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ގައުމުން ވެސް ގެންގުޅެނީ އެއްގޮތް ވިސްނުންތަކެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
