ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދަން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި، އެ ކަމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފިއެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މިހާރު ސޮއި ހަމަކޮށްފައިވާއިރު މަޖިލިހުގެ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމަށް މަދުވެގެން 24 މެންބަރުންގެ ސޮއި ބޭނުންވެއެވެ. 93 މެމްބަރުން ތިއްބަވާ މަޖިލީހުގައި ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ.

މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނާޒިމް މިހާރު ވަނީ ޕީއެންސީގެ ޕީޖީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުން ވެސް ބޭރުކޮށްފައެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ ނާޒިމާ މެދު ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.