ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމުގެ ތުހުމަތުގައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ޝަހުޒާން ހާޒިރުވުމަށް އަންގާފައިވާ އަމުރުގައި ބުނެފައިވަނީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކޮށްފައިވާ ސުވާލަކީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" މިއާ ހިލާފު ސުވާލެއްކަމަށެވެ.

އެހެންކަމުން މި މައްސަލަ ބެލުމަށް ޓަކައި މާދަމާ މެންދުރު 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޝަހުޒާނަށް ވަނީ އެ ކޯޓުން އަމުުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވަނީ އެ ނޫޙުން ތައްޔާރު ކުރި ޑޮކިއުމަންޓަރީއާ ގުޅޭ ސުވާލުތަކެއް ރައީސް އާ ކުރައްވާފައެވެ. އެ ސުވާލު ކުރުމާއެކީ ރައީސް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރާ ނޫސްވެރިޔާ ހިލާފް ވެފައިވާ ކަމަށެވެ.

ކަނޑައެޅިގެން ޝަހުޒާން ކުރީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ކޯޓު އަމުރާ ހިލާފުވެފައިވާތީ އެ މާލަމުން ނުކުތުމަށާއި އެ މާލަމުގައި ކޯޓު އަމުރާ ހިލާފު ނުވެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޝަހުޒާން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަމުރުކޮށްފައިވާއިރު، އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ވެސް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. ލީވާން ހާޒިރުވާން އަމުރުކޮށްފައިވަނީ ކޯޓު އަމުރާ ހިލާފަށް ހަބަރު ލިޔުނުކަމުގެ ތުހުމަތުގައެވެ.

އެގޮތުން އޭނާ ލިޔުނު ހަބަރަކީ އެ އަމުރާ ހިލާފަށް ލިޔުނު ހަބަރެއްތޯ ބެލުމަށް މާދަމާ ހެނދުނު 11:00އަށް ލީވާން ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.