ޖަލުގައި ތިބޭ ކުށްވެރިންނާ މެދު އަމަލުކުރާނީ އެއީ "ގައިދީން" ކަމުގައި ބަލައިގެން ކަމަށާއި، ޖަލުތަކުގައި "ލޭޓް ނައިޓް ރެއިޑް" ނުވަތަ ދަންވަރު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގުމަކީ ދުނިޔޭގެ ހުރިހާ ޖަލެއްގައިވެސް އަމަލުކުރާ އުސޫލު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ޖަލަށްލި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އޮތް ގޮޅީގެ އަށީގައި ބިރުދެއްކުމުގެ ގޮތުން މުގުރުން ތެޅިކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، 15 މެއި 2024 ވީ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ފާސްކޮށްފައިވާ ކަމަށެވެ. މި ދެ މީހުންގެ ހާޒިރުގައި އެ ގޮޅީގެ ކަބަޑުތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޮބައިލް ފޯނެއް ފެނިފައިވާ ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން "އަދަދު" ނޫހުން ވަނީ މަރުތެޔޮ ހިފައިގެން ޝަހުޒާން އޮތް ގޮޅީގެ އަށީގައި ތެޅުން މިނިސްޓަރު ދިފާއުކޮށްފައިވާކަމަށް ބުނެފައެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޖަލަށް ހުކުމް ތަންފީޒު ކުރަން ދިއުމަށްފަހު އޭގެ ކުރިން އެމީހަކީ ކޮން މަގާމެއްގައި ހުރި މީހެއްތޯ ނުވަތަ ކުރީން ކުރީ ކޮން މަސައްކަތެއްތޯ ބެލުމެއް ނެތި، ކޮންމެ މީހަކާ މެދުވެސް އަމަލުކުރެވޭނީ ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން "ގައިދީއެއް"ގެ ގޮތުގައިކަމަށެވެ.

އަދި ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި، މަނާ ތަކެތި (ކޮންޓްރަބޭންޑް) ހޯދުމަށް ކުއްލި ގޮތަކަށް ހިންގާ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކަކީ ޖަލުތަކުގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އާންމު އުސޫލުތަކެއްކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޝަހުޒާން އާއި ލީވާން ދެ ގޮޅިއަކަށް ބަދަލު ކުރި މައްސަލައިގައި ރާއްޖޭގެ ތަފާތު ތިން ނޫސްވެރިއަކު މީގެ ކުރިން މިނިސްޓަރަށް ގުޅައި، އެ ދެ މީހުން ވަކިކުރި ސަބަބު އޮޅުންފިލުވި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އޭރު ނޫސްވެރިންނަށްވެސް ހަގީގަތް ކިޔައިދެއްވި ނަމަވެސް، އެއްވެސް ނޫސްވެރިއަކު އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީ ރިޕޯޓެއް ނުވަތަ ހަބަރެއް ލިޔެފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައިވާ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކޮށް، އޭގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ދެއްކުމާއި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ދައްކައި، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތު ފަތުރާ ނަމަ، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެއެވެ.