އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލާފައިވާ ޖިނާއީ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އޭޝިއާއިން ގޮވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ބައްދަލުވުމުން ނެރުނު މައްސަލަ ވެސް އެ ޖަމާއަތުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ސީޕީޖޭއިން ބުނެފައިވަނީ ނޫސްވެރިކަން ކުރުން ޖިނާއީ ކުށަކަށް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި ޑިމޮކްރެޓިކް ޖަވާބުދާރީވުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ބިރުދެއްކުމާއި ބާކީކުރުމެއް ނެތި ސުވާލުކުރުމާއި ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބެންޖެހޭނެ ކަމަށް ސީޕީޖޭއިން ވަނީ ބުނެފައެވެ.

ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދީފައިވާ ކަމަށާއި، ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސަކީ ވެސް ހަމަ އެ މިނިވަންކަންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ވާދަވެރި ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުސޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީސް ތެރޭ ހަޅުތާލުކުރާ ފަދަ ގޮތްގޮތަށް ކަންކަން ކުރަމުންދާ މަދު ނޫސްތަކެއް ހުރިކަން ފާހަގަ ކުރައްވައި، ސައީދު ވިދާޅުވީ ނޫސް ކޮންފަރެންސްތަކަކީ ޒާތީ ގޮތުން ދިމާކުރުމަށާއި، ދޮގު ވާހަކަ ހަދަހަދައިގެން ފެތުރުމަށާއި، ގާނޫނު މުގުރުމަށާއި، ކޯޓުގެ ހުރުމަތް ކެނޑުމަށް ލިބިފައިވާ ފުރުސަތެއް ނޫން ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މައުލޫމާތު ނުދޭ މިންވަރަށް ރައީސް ޑރ. މުއިއްޒު ނޫސްވެރިންނަށް ފުރުސަތު ދެއްވަމުންދާ ކަމަށެވެ.