ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ޖަގަހަ ހުންނަ ސަރަހައްދުގައި ސޯފާއެއް ހިފައިގެން ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެ ކޮމިޝަނުން އިއްޔެ ޕީއެންއެފްގެ ރައީސް ޔާމީނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއާ އެ ޕާޓީން ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާ، އެ ސަރަހައްދުތަކުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރުމަކީ ގާނޫނުގެ 45 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ ފަދައިން މަނާކަމެއް ކަމުގައި އީސީން ވަނީ ފާހަގަކޮށްފައެވެ.
އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން ފާހަގަކޮށް އީސީން ބުނީ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100,000 ރުފިޔާ އިން އެ ޕާޓީ ޖޫރިމަނާކުރަން ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން އީސީން ވަނީ މި މައްސަލާގައި މަޝްވަރާ ކުރުމަށް ކޮމިޝަނުން ދިން ދައުވަތަށް އެ ޕާޓީން އިޖާބަ ދީފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި ކޮމިޝަނާއެކު ބައްދަލުވުމެއް ބޭއްވުމަށްވެސް އެ ޕާޓީއަށް ދައުވަތު ދިން ކަމަށާއި ނަމަވެސް، ހާޒިރު ވެފައި ނުވާކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. އީސީން ވަނީ މިފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
މި ޖޫރިމަނާއާ ގުޅިގެން ޕީއެންއެފްއިން ބުނެފައިވަނީ މިއީ ސަރުކާރުގެ ނުފޫޒުން އީސީން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ޕާޓީން ރަސްމީ ސިފައެއްގައި އެފަދަ އެއްވުންތަކެއް ބާއްވަމުން ނުދާ ކަމަށާއި، އެއީ އާންމު މެންބަރުންގެ އަމިއްލަ ހަރަކާތްތަކެއް ކަމަށްވެސް އެ ޕާޓީން ތުހުމަތު ކުރެއެވެ.
