ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އެހެނިހެން ސިޔާސަތުތައް މުތާލިއާކޮށް، އެ ކަންކަން ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި، މިއީ ހަމައެކަނި 30 އިންސައްތަ އަށް ވުރެ ތާއީދު ދަށްކޮށް އޮތް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުން ރާއްޖެއަށް ދޭ މާލީ އެހީއާއި ލޯނުތައް ސަރުކާރުން ބޭނުންކުރަންވާނީ ޒިންމާދާރުކަމާ އެކުގައި ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އޮފީހުން ނެރެފައިވާ ބަޔާނަކާ ގުޅިގެންނެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށާއި، ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. އަދި ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، ބައިނަލްއަގުވާމީ ގުޅުންތަކުގެ މިންގަނޑުތަކާ ހިލާފަށް ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ގައުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.

އެހެންކަމުން، އެފަދަ ބޭފުޅުން ގައުމުތަކާ އޮންނަ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.