އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ މެންބަރުންނަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެޕާޓީން އާންމުކޮށްފައިވާ ލިސްޓުގައިވާ ވޯޓުލާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުރެގެން ވެސް ވޯޓުލުމަށް ރީރަޖިސްޓްރީ ކުރެވޭނެކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ރީރަޖިސްޓްރީވުމަށް އެދޭ މެންބަރުންނަށް އޮންލައިންކޮށް ރީރަޖިސްޓާވުމަށް މިހާރު އެދެލެވޭނެކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން، މި މަހުގެ 22 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވޯޓުލާ ތަނުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ މެންބަރަކު ވޯޓުލާފައިވާ ތަންކަމަށްވެސް އެމްޑީޕީން ހާމަކޮށްފައިވެއެވެ.
އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށެވެ.
