އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދާދި ފަހުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޔޫއޭއީއަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާތަކަކީ އެ ގައުމުގެ ސިޔާދަތަށް ފާޅުގައި އަރައިގަތުން ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމުގައިވެސް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން އޮތީ ޔޫއޭއީގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ކަމަށްވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޔޫއޭއީގެ ސިޔާދަތާއި ސަލާމަތްތެރިކަމުގެ އިތުރުން ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ. ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމަކަށްވާއިރު، އެ ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައި ރާއްޖެއިން އަބަދުވެސް އަންނަނީ އެ ގައުމާ އެއްކޮޅަށް ތެދުވަމުންނެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތްކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި މައްސަލަތައް ހައްލުކުރުމަށްޓަކައި ވާހަކަދެއްކުމާއި ޑިޕްލޮމެޓިކް އުސޫލުތައް އިސްކުރުމަކީ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ސަރުކާރުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
