މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 15.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 15.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ހާއްސަކޮށް ޓީޖީއެސްޓީ ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 11.7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ޖުމްލަ ޓެކްސް އާމްދަނީއަށް ވެސް ވަނީ 13.0 އިންސައްތައިގެ އުފެލުމެއް އައިސްފައެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 14.3 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ކުރިއަށްގެންދާ "މުސާރަ އެއްހަމަކުރުމުގެ ސިޔާސަތު" ގެ ދަށުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ގެނެވުނު ހެޔޮ ބަދަލުތައް ކަމުގައިވާއިރު މުސާރައާއި ޕެންޝަނަށް ކުރި ހޭދަ ވަނީ 5.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ.
މި އަހަރުގެ އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން ފެންނަން އޮތް އެންމެ އުންމީދީ ނިޝާނަކީ، ދައުލަތަށް ލިބުނު އާމްދަނީ ހަރަދުތަކަށްވުރެ އިތުރުވުމެވެ. މި ހަރުދަނާ މާލީ ބަދަލާއެކު، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ ބަޖެޓުން ވަނީ 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑު ކުރެވިފައެވެ.
މާލީ މާހިރުން ފާހަގަކުރާ ގޮތުގައި، އާމްދަނީ އިތުރުވެ ހަރަދުތައް ކޮންޓްރޯލް ކުރެވުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިމަގު އުޖާލާވަމުންދާ ކަމުގެ ހެއްކެކެވެ.
