ފ އަތޮޅު ތައުލީމީ މަރުކަޒަށް ޔުނެއިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ)ގެ ސަސްޓެއިނެބިލިޓީ އެވޯޑެއް ލިބިއްޖެއެވެ.
ފ އަަތޮޅު ތައުލީމީ މަރުކަޒަށް ލިބިފައިވަނީ ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް"ގައި ދިން ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑެވެ.
މިއީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ތަރައްގީއަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރާ ފަރާތްތަކަށްދޭ އެވޯޑެކެވެ.
ފ އަތޮޅު ތައުލީމީ މަރުކަޒަށް "ގްލޯބަލް ހައި ސްކޫލްސް" ކެޓަގަރީން ދެކުނު އޭޝިއާ ސަރަޙައްދުން އެއްވަނަ ވަނީ ލިބިފައެވެ. މިއީ ދިވެހިރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމުގައި ޒުވާނުންގެ އުފެއްދުންތެރި ވިސްނުމާއި އިސްނެގުމުގެ މުހިންމުކަން ހާމަކޮށްދިން ކަމެއް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެ އެވެ.
މި އެވޯޑު ފ އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ، އެ މަރުކަޒުގެ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ތިމާވެއްޓާ ރައްޓެހި މަޝްރޫއަކަށެވެ. މި މަޝްރޫއަކީ އިރުގެ ހަކަތައާއި ވައިގެ ހަކަތަ ބޭނުންކުރުމާއި، ވާރޭފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމާއި، ހައިޑްރޯޕޯނިކްސް އަދި ފެން މެނޭޖްކުރުމުގެ ނިޒާމުތައް ހަރުދަނާކޮށް ކާނާގެ ރައްކާތެރިކަމާއި ސިއްހަތާއި ތިމާވެށި ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގި މަޝްރޫއެކެވެ.
