ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވަމުންނެވެ.

ފ.މަގޫދޫގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާތަނަށް ވަނީ ނިމިފައެވެ. ނަމަވެސް މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު ވަނީ ބައްލަވާލައްވާފައެވެ.

އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ފ. މަގޫދޫ އިޖުތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި، ފ. މަގޫދޫ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. އެގޮތުން މަގޫދޫ ރައްޔިތުން ވަނީ، އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީހެއް ދެއްވުމަށް ރައްޔިތުން އެދިވަޑައިގަތެވެ.

ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި އެއާޕޯޓްގެ މަޝްރޫއު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން ބާރަ މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

މަގޫދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަގީން ކަން ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންނަށް ދެއްވިއެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފ. މަގޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ވެސް ރަސްމީކޮށް ފައްޓަވައި ދެއްވާފައެވެ. މީގެ އިތުރުން މަގޫދޫގައި ތަރައްގީ ކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ ކައުންސިލް އިދާރާ އަދި އެރަށު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ.