ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާ ފެންވަރު ރަނގަޅު އެއާޕޯޓެއް ބ. ތުޅާދޫގައި އަޅުއްވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ތުޅާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަށުގައި އެއާޕޯޓެއް އަޅަން ނިންމައި، އެކަން ނުކުރެވި ދިގުލައިގެން ގޮސްފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެއާޕޯޓެއް އަޅަން ސަރުކާރުތަކުން ވާހަކަދައްކާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.

"ވަރަށް ލަސްކޮށްދާ، ވަރަށް ފަނޑުކޮށް، ހަގީގަތަކަށް ނުވާނެހެން ކުރާ މަސައްކަތެއް. އެގޮތް ބަދަލުކޮށް ރަށުގެ ރައްޔިތުން އުންމީދު ކުރާވަރުގެ އެއާޕޯޓެއް އަޅުގަނޑު އަޅައިދޭނަން،" ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށް މިހާރުވެސް ބަޔަކާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރުވެސް މާބޮޑު މަސައްކަތްތަކެއް ކުރަމުންނުދާ ކަމަށެވެ. އެހެންކަމުން އެކަން ބަދަލު ކުރައްވާ އެ މަޝްރޫއުގެ އިތުރުން ރަށުގެ މުސްތަގުބަލަށް ބޭނުންވާ ވަރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ މިއަހަރު އެރަށުގައި 100 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށާއި އެކަމަށް އެކަށީގެންވާ ވަރަށް ބަޖެޓް ކުރެވިފައި ނެތް ނަމަވެސް އެހެން ގޮތްގޮތުން ފައިސާ ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ތުޅާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

"ރަށުގެ ދުރު ރާސްތާގެ ތަރައްގީއަށް އަދި މެދު ރާސްތާގެ ތަރައްގީއަށް އިތުރަށް ބިން ބޭނުންވޭ. ރަށުގެ ތެރައްގީއަށް ބިން އިތުރުކުރުމަކީ މުހިންމު އަދި ކުރަންޖެހޭ ކަމެއް. އެހެންވީމައި އެއާޕޯޓުގެ މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ގެދޮރުވެރިކަމަށް އަދި އިޖްތިމާއީ ކަންކަމަށް ބޭނުންތަކަށާއި މުސްތަގްބަލަށް ރިޒާވް ކުރުމަށްވެސް ބިން ހިއްކަންޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ތުޅާދޫގެ އިތުރުން ށ. ބިލަތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ 42.4 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ)ގެ އަގަކަށް 44.70 ހެކްޓަރު ހިއްކުމަށެވެ.