އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށް، ޕާޓީ ހިންގުމަށް ވަގުތީ އިންތިޒާމެއް ހަމަޖައްސައިފިނަމަ، އެމްޑީޕީގެ ވަގުތީ ޗެއާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ، ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. ގަފޫރު ވަނީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމަށާއި މިވަގުތު އޮތް މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި، ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ އިންތިހާބު ފަސްކުރުމަށްފަހު އިންޓެރިމް އެރޭންޖްމަންޓެއް ހަމަޖެއްސުމަށް ގައުމީ މަޖިލީހުން ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ގަފޫރުގެ މި ހުށަހެޅުއްވުމާ ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ޕާޓީ ހިންގުމަށް މިވަގުތު އިސްކޮށް ތިއްބެވި ބޭފުޅުންނާއި ގައުމީ މަޖިލީހުން އެދޭ ނަމަ، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއާ ހަމައަށް ވަގުތީ ޗެއާޕާސަންގެ މަގާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގަތުމަށް ފެންނަ ކަމަށެވެ. މުހައްމަދު ރާއީގެ މި ވާހަކައަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވުމަށް އެމަނިކުފާނުގެ އިއުތިރާޒެއް ނެތްކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ރައީސް ނަޝީދުގެ އިތުރުން ދެން ކުރިމަތިލެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ. ނަމަވެސް އަލްހާން މިހާރު ވަނީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފައެވެ.
ގަފޫރުގެ ހުށަހެޅުއްވުމާ އެއްގޮތަށް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފި ނަމަ، މިއީ މި އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުމަކަށް ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މި އިންތިހާބު ބާއްވާ ގޮތަށް ފާސްކޮށްފައެވެ. އެފަހަރު އެ ހުށަހެޅުން ފާސްވީ ޖަލްސާއަށް ހާޒިރުވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓުންނެވެ. އޭރު ނިންމާފައިވަނީ ކައުންސިލް އިންތިހާބަށްފަހު ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް ފުރުސަތު ހުޅުވާލުމަށެވެ.
