އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ގާނޫނުތަކުގައިވާ ގޮތުން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމުގެ ބާރު ޕީޖީއަށް އޮންނަ ކަމަށެވެ. އެގޮތުގެ މަތިން އެއީ ޕީޖީ އޮފީހުގެ އެނގުމަށް ކުރާ ތަހުގީގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަނަކީ، އެކެއް، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކުރި ކަމެއް ނޫނޭ، ނޫން، ފޯ ރެކޯޑް މި ދަންނަވަނީ. ދޭއް، ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫނޭ. ދެ އިންވެސްޓިގޭޝަނެއް، ދެ މައްސަލައެއް އެބަ ބަލާ "އަދަދު" ނޫހުގެ،" މުންދު ވިދާޅުވި އެވެ.

އެ ޑޮކިއުމެންޓްރީގެ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮންޓްރޯލް ކޮމިޝަން)އިން ވެސް ބަލަމުންދާކަން ފާހަގަކޮށް މުންދު އިތުރަށް ވިދާޅުވީ، އެ މައްސަލަ ބަލަން ޕީޖީ އޮފީހަށް ވެސް ރައީސް ނާންގަވާ ކަމަށެވެ. އަދި މިއީ ހޯމަދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލާ ގުޅިގެން ހިނގި ކަންކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސަށް ތުހުމަތުތަކެއްކޮށް 'އައިޝާ'ގެ ނަމުގައި 'އަދަދު' ނޫހުން އެ ޑޮކިއުމެންޓްރީ ގެނެސްދިނީ މިދިޔަ މަހުގެ 28ގަ އެވެ. އޭގެ ފަހުން މަހަކާ ގާތްވެފައި ވަނިކޮށް އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީހަށް ވަދެ ބަލާ ފާސްކޮށް އެތަނުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.

އަދި ތިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދާއި އަދި އެ ނޫހުގެ ސީއީއޯ ފިޔާޒް މޫސާގެ އިތުރުން އީޝާ އަޝްރަފްއެވެ.

އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީގައި "އައިޝާ" ގެ ނަން ބޭނުންކޮށް ރައީސް މުއިއްޒުއަށް ތުހުމަތުވާ ގިނަ ކަންތައްތަކެއް ހިއްސާކުރި އަންހެނެއްގެ ވަހާކަތައް ވަނީ އޭއައި ބޭނުންކޮށްގެން ގެނެސްދީފައެވެ. މި ޑޮކިއުމަންޓްރީ އާންމުވި އިރު އޭގައި މައުލޫމާތު ދީފައިވާ އަންހެނާ އަކީ އީޝާ އަޝްރަފް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ނަމަވެސް މި ކަމާ ގުޅިގެން ރަސްމީ އިދާރާއެއްގެ އެއްވެސް ބަހެއް ލިބިފައި ނުވާއިރު މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ވަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލައްވާފައެވެ. އެއާއެކު ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.