މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީގެ މަގާމަށް އައްޔަނު ކޮށްފައިވާ އަލީ އިހުސާނަށާއި އެހެން ބައެއް ވަޒީރުންނަށް ތާއިދުކޮށް ވޯޓު ދިނުމަކީ ހެދުނި ގޯހެއް ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މައާފަށް އެދިވަޑައިގެންފިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް މުއިއްޒު އަލުން އެކުލަވާލި ކެބިނެޓަށް ރުހުން ދިނުން ކުރިއަށް ގެންގޮސްފައެވެ. އެ ޖަލްސާގައި ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
އެގޮތުން ވަޒީރުންގެ ތެރެއިން އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވޯޓު ދެއްވާފައި ވެއެވެ. އަދި ރުހުން ނުދިނުމަށް އެމްޑީއެޕާޓީގެ 2 މެންބަރުން ވޯޓު ދެއްވާފައިވާއިރު، 2 މެންބަރަކު ވޯޓުގައި ބައިވެރިވެފައި ނުވެއެވެ.
އިހުސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީ މެންބަރުންގެ ތެރޭގައި ހަނިމާދޫ ދާއިރާގެ މެމްބަރު، އަބްދުލް ޣަފޫރު މޫސާ، ހުޅުމާލޭ ދެކުނު މެންބަރު، ޑރ. އަހުމަދު ޝަމްހީދު، ގަލޮޅު އުތުރު މެންބަރު، މުހައްމަދު އިބްރާހިމް، ކެންދޫ މެންބަރު، މައުރޫފް ޒާކިރު، މާވަށު މެންބަރު، އަހުމަދު ޝާކިރު، ކެޔޮދޫ މެންބަރު، މުހައްމަދު ނިއުޝާދުގެ އިތުރުން މަރަދޫ މެންބަރު، އަހުމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ.
އެކަމާ ގުޅިގެން އެމްޑީޕީއަށް ތާއީދު ކުރާ އާންމު މެންބަރުންނާއި ޕާޓީގެ ބައެއް އިސްވެރިންވެސް ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ކުޑޫއާއި ޝަމްހީދު މިވަނީ ހުރިހާ އެންމެންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.
އެގޮތުން ކުޑޫ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ތާއީދު ކުރާތީ ދިން ވޯޓެއް ނޫން ކަމަށާއި، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީ ކަމަށް ކުޑޫ ވިދާޅުވިއެވެ.
"އެކަމަށްޓަކައި އިހުލާސްތެރިކަމާއެކު މާފަށް އެދެން. މިއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން ވެސް އަޅުގަނޑު ދަންނަން. ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަށް އަޅުގަނޑުގެ އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަގީންކަން އަރުވަން،" ކުޑޫ ވިދާޅުވިއެވެ.
ހަމަ އެހެންމެ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އިހުސާނާއި އިތުރު ބައެއް ވަޒީރުންނަށް އިއްޔެ ވޯޓު ދިނުމަކީ ނިންމުނު ގޯސް ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ ޝަމްހީދުވެސް ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
އިހުސާނަށް ފެންނަ ކަމަށް ވޯޓު ދިނުމުން މިހާބޮޑު ފާޑުކިޔުމެއް އަމާޒުވެފައި މިވަނީ އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް ތަކެތި ގެންދިއުމާއި ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި ޒުވާނާގެ ޒާތީ މައުލޫމާތުތަކެއް އާއްމުކުރި މައްސަލައިގެ އިތުރުން ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް އެތައް ބަޔަކު 'ވަގަށް' ވައްދަން އުޅުނު ކަމުގެ ތުހުމަތުކުރި މައްސަލައިގައި އެ މެންބަރުން މީގެ ކުރިން އެކި ފަހަރުމަތިން ފާޑު ކިޔުމާ ގުޅިގެންނެވެ.
އެކަމަކު ފާޑު ކީ ނަމަވެސް އަމަލުން އެކަން ނުދައްކާ ކަމަށް ބުނެ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރައްވާފައި ތިއްބެވި ފަރާތްތަކުން ވެސް ވޯޓު ދެއްވި މެންބަރުންނަށް ދަނީ ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.
