ރާއްޖޭގެ ކަންކަން އިސްލާހުކޮށް ތަރައްގީ ގެނައުމަށް އެންމެ އެކަށީގެންވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެނބުރި އެމްޑީޕީ އާ ގުޅިވަޑައިގަތީ އިސްލާހީ މަސައްކަތަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި، އެ މަނިކުފާނަށް ތާއިދުކުރާ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކަށް ވަރަށް ބޭނުންތެރި މުއައްސަސާއެއް ކަމަށެވެ.

މިފަދަ މަސައްކަތެއް ހިންގުމަށް އެހެން އެއްވެސް މުއައްސަސާ އެއް ނުވަތަ ޕާޓީއެއް ރާއްޖޭގައި އިންތިޒާމްވެފައި ނެތް ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ރައްޔިތުންގެ މަޖިލީހާއި، އަތޮޅު ކައުންސިލްތަކާއި، ރައީސުލްޖުމްހޫރިއްޔާއެއް ހުންނެވި ނަމަވެސް، ގައުމަށް ބޭނުންވާ ތަސައްވުރެއް ގެނެސް، އެ ތަސައްވުރު ތަންފީޒު ކޮށްގެން އާއިލާތަކުގެ އާންމު ހާލަތު ބަދަލުކޮށް ތަނަވަސްކަން ގެނައުމަކީ ހަމައެކަނި އެމްޑީޕީއަށް އެނގޭ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ނަޝީދުވަނީ އިސްލާހުގެ މަގަށް މަސައްކަތް ކުރުމަށް ސަރުކާރުން މަޝްވަރާއަށް އައުމަށް އަނެއްކާވެސް ގޮވާލައްވާފައެވެ. ސަރުކާރުގެ ހިންގުމާމެދު ރައްޔިތުން ހިތްހަމަ ނުޖެހޭކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ މިއީ ބަދަލު ކުރަން ޖެހޭ ވެރިކަމެއްކަން ރައްޔިތުން ދެކޭ ކަމަށެވެ.

މީގެ އިތުރުން ހިތަދޫގައި ރޭ ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ނަޝީދު ވިދާޅުވީ ޕީއެންސީގެ ވެރިކަން ކޮންމެހެން ވެސް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މި ސަރުކާރު ބަދަލު ނުވެ 2028 ވަނަ އަހަރު އަތުވެއްޖެ ނަމަ އެއީ ރައްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އަނެއްކާވެސް އެނބުރި އެމްޑީޕީއަށް ވަޑައިގެން ހުންނެވީ ކަންކަން އިސްލާހު ކުރެވޭނެ ޕާޓީއަކީ އެމްޑީޕީއަށް ވާތީ ކަމަށާއި އެ މަސައްކަތަށް އަބަދުވެސް އެންމެ ރަނގަޅީ އެމްޑީޕީކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބުކޮށް، ރައްޔިތުން އެދޭ މިސްރާބަށް ގައުމު ގެންގޮސްދެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވެސް ނަޝީދު ވަނީ ވަރިކަން ބަދަލު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އައްޑޫގެ ބައެއް އާންމު ރައްޔިތުންނާ ބައްދަލު ކުރައްވައި އޭނާ ވިދާޅުވީ، 'ގާނާގައި ހުންނަވާފައި ރާއްޖެ ވަޑައިގަތީ ވެރިކަން ބަދަލު ކުރަން' ކަމަށެވެ.

ރައީސް ނަޝީދަކީ، 30 އަހަރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު އަބްދުއްގައްޔޫމުގެ ވެރިކަން ބަދަލު ކުރެއްވުމުގެ އެންމެ އިސް މޭސްތިރިވެސް މެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ވަޑައިގަތީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ވުޖޫދުކޮށް އެ މަގުން ރާއްޖޭގެ ވެރިކަން ބަދަލު ކުރެއްވުމަށެވެ.

ރައީސް މައުމޫނުގެ ވެރިކަން ފުރޮޅިގެން ދިޔައީ 2008 ގައި ނަޝީގެ އަތްޕުޅު މައްޗަށެވެ.

އެމްޑީޕީގައި ދިގު މުއްދަތެއް ހޭދަކުރެއްވުމަށް ފަހު ޕާޓީގެ އެތެރޭގައި އިސްވެރިންނާ ދެބަސްވެވަޑައިގެން އެމްޑީޕީ ދޫކުރައްވައި 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ނަޝީދު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް މެންބަރުންގެ އަދަދު މަދުވުމާއި ސިޔާސީ ތާއީދެއް ނުލިބުމުން އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެން މިހާރު ވަނީ ގައުމީ މަޖިލީހުން ޖާގަ ހޯއްދަވައި އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.