އދ. އިން ކަނޑައަޅުއްވާފައިވާ ސިއްހީ ހައްގުތަކާ ބެހޭ ހާއްސަ ރެޕަޓުއާ ޑރ. ތަލަލެންގް މޮފޮކެންގް، އަންނަ 2026 ވަނަ އަހަރުގެ އެޕްރީލް 26 އިން މޭ 7 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މިއީ ޑރ. މޮފޮކެންގްގެ މަގާމުގެ މުއްދަތުގައި ކުރައްވާނެ އެންމެ ފަހު ރަސްމީ ގައުމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ސިއްހީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ހުރި އުސޫލުތަކާއި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމެވެ. މިގޮތުން، ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބެން ހުރި މިންވަރާއި، ހިދުމަތުގެ ފެންވަރާއި، އަދި ހިދުމަތްތަކުގެ އަގުތަކަށް މި ދަތުރުފުޅުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ހަމަޖެހިފައި ވެއެވެ.

މި ދަތުރުފުޅުގައި ޑރ. މޮފޮކެންގް މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ދާލު އަތޮޅަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަނާ ސަރުކާރުގެ އިސް ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ކަމާގުޅޭ އެކި ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ވަޒަންކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ޑރ. މޮފޮކެންގް ވިދާޅުވީ، "މި މުހިންމު ދަތުރުފުޅުގައި ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް އަޅުގަނޑު އުންމީދުކުރަން. މިއީ ސިއްހީ ހައްގުތަކާ ބެހޭ ހާއްސަ ރެޕަޓުއާގެ ހައިސިއްޔަތުން އަޅުގަނޑު ކުރާނެ އެންމެ ފަހު ދަތުރުފުޅު،" ކަމަށެވެ.

މި ޒިޔާރަތުގައި ސިއްހީ ހިދުމަތް ހޯދުމުގައި އެކި ސަބަބުތަކާހުރެ ބާކީވެފައިވާ ފަރާތްތަކަށް ހުރި ފުރުސަތުތަކަށް ވަރަށް ބޮޑަށް ބައްލަވާނެއެވެ. މީގެ އިތުރުން، އާންމު ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށާއި އެހެނިހެން މުއައްސަސާތަކަށްވެސް އެކަމަނާ ޒިޔާރަތް ކުރައްވާނެއެވެ.

ޑރ. މޮފޮކެންގްގެ މި ދަތުރުފުޅުން ފާހަގަވި ކަންކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ 7 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ވަގުތާއި ތަން ފަހުން އިއުލާން ކުރާނެއެވެ.