ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގޫޅޭ ގޮތުން ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ރެން ޖިންގްޑޮންގް އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޒިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ހާއްސަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިން އެކަށައެޅުއްވި ތަސައްވުރާ އެއްގޮތަށް ކުރިއަށްދާ މަސައްކަތްތަކެކެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް ފުޅާކޮށް، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް އިތުރަށް ހޯދުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރު ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ރެން ޖިންގްޑޮންގް އާ ބައްދަލު ކުރައްވަނީ / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިނިސްޓަރު ސައީދު ވަނީ ޗައިނާގެ ވަފުދުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، މި ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތް ކުރެވޭކަން މީގެ ކުރިން ފާހަގަކޮށްފައިވާއިރު މިވަގުތު، ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމުވެސް މެއެވެ.