ހައްޖާ އުމްރާގެ ހިދުމަތް ދިނުމާއި ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީއުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާ، ދަތުރުނުކުރެވުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ގޮތުން މިނިސްޓަރު ވިދާޅުވީ މިފަދަ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އަދުލުވެރި، އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައިގެންކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މިގާނޫނުގައި ހައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ހިދުމަތް ދިނުމުގައި ކުންފުނިތަކުން ކުރާ ކުށްތަކަށް އަދަބުދެވޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭ ކަމަށެވެ. ގައުމުތަކުގައިވެސް މި ހިދުމަތް ތަރުތީބުކޮށް، ދެމުން އަންނަނީ ހާއްސަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ކުށްތަކާއި އިހުމާލުތައް ހުއްޓުވޭނީ ގާނޫނުގެ ތެރެއިންކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަކާއި ގުޅޭ ކަމެއްކަމުން މިކަމުގައި ގާނޫނެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި މިކަމަށް އަދުލުވެރި ހައްލެއް ލިބިގެން ދާނީ މެންބަރުންގެ ތާއީދާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
