ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު ރޭ ނިޔާވެފައިވާ މައްސަލައިގައި ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފަތުރަން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ހަރަކާތްތެރިވެފައި ވާއިރު ފުލުހުން ބުނީ އުމުރުން 18 އަހަރުގެ ޒުވާނަކު ރޭ ދަންވަރު ނިޔާވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކާ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާ އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ މިފަދަ ތަކެތި ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން،ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.