މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށްވާއިރު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ މުދަލު ޒަކާތުގެ ނިސާބު ހުރީ 11,191.95 ރުފިޔާގައެވެ.
އެކަމަކު ޒަކާތު ހައުސްއިން ބުނީ މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް މިއަދުން ފެށިގެން އިތުރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 21،836.50 ރުފިޔާއެވެ. މިއީ ރިހީގެ ގްރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ އަދަދު ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދެއެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެންނައިރު ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބެލޭނެއެވެ.
