ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަކިކޮށްފިއެވެ.
ނާޒިމް އެ ދެ ކޮމިޓީން ވަކިކުރިކަމުގެ އަޑުތައް ފެތުރިފައިވާ އިރު، މިއަދުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނާޒިމް މިއަދުގެ ޖަލްސާ ނިންމާލި އިރު ވެސް އެ ފަދަ ބަދަލެއް ގެނައިކަން އިއުލާނު ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އަދި މިހާތަނަށް ނާޒިމްގެ ބަހެއް ހޯދިފައެއް ނުވެއެވެ.
ނަމަވެސް މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނާޒިމް ވަނީ ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއެވެ. އަދި އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ނާޒިމް މިހާރު ހިމެނިވަޑައިގަންނަވަނީ ހަމަ އެކަނި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައެވެ. އެއީ ދައުލަތުގެ ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓާ ކޮމިޓީއެވެ.
