މާލޭ ސިޓީގައި ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުތަކުގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަދައްކައި، މުޖުތަމައުގައި ނަފުރަތު އުފައްދަމުންދާތީ އެކަން ހުއްޓުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

އެޗްއާރްސީއެމްއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި އެއްވުންތަކުގައި ފުލުހުންނާއި އާންމުންނާ ކުރިމަތިލުން ހިނގާ ބައެއް ފަރާތްތަކުން ހައްޔަރުވެސް ކޮށްފައި ވެއެވެ.

އެގޮތުން ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ އެއްވުންތަކުގައި ދެކެވޭ ވާހަކަތައް މީޑިއާގެ ޒަރީއާއިން އާންމުވަމުންދާއިރު، އޭގެ ސަބަބުން ހަމަނުޖެހުމަށް ހިތްވަރު ލިބެމުންދާ ކަމަށެވެ. އަދި މިއީ އާންމު މަސްލަހަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފާހަގަކޮށް، ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި ވެއެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާކަން ފާހަގަކޮށް އިތުރަށް އެ ބަޔާނުގައި ބުނީ، އެ މާއްދާގައި ބަޔާންކުރާ ގޮތުން، މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މިއީ ވަރަށް ފުޅާކޮށް ލިބިދީފައިވާ ޙައްޤެއް ކަމުގައި ވިޔަސް، މި ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން ކަމަށް ކޮމިޝަނުން ބުނެއެވެ. އެގޮތުން، އަނެކާގެ ހައްގުތަކަށާއި އިންސާނީ ކަރާމާތަށް އިހުތިރާމް ކުޑަނުވާނެ ގޮތަށް އަމަލުކުރުމަކީ ލާޒިމު ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އަނެކާގެ އަބުރާއި ނަފުސަށް ގެއްލުންވާފަދަ ގޮތަކަށް، ނުވަތަ ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ރޫހާ ހިލާފު ކަމެއްކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުން އިންތިޒާމުކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކުރުމަށް ކޮމިޝަނުން ވަނީ ހުރިހާ ޕާޓީތަކަށް ގޮވާލާފައެވެ. އަދި ނަފުރަތު އުފެދޭފަދަ ކަންކަން ނުހިނގާނެ ގޮތަށް ސިޔާސީ ހަރަކާތްތައް ރޭވުމަށް އިސްކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ހަމަޖެހިފައިވާ ގަވާއިދުތަކުގެ އަލީގައި، ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް ކޮމިޝަނުން ވަނީ އެދިފައެވެ.

އަދި ކަނޑައެޅިފައިވާ ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ޑިމޮކްރެޓިކް ވެއްޓެއް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށް، ހުރިހާ ފަރާތްތަކެއްގެ ޒިންމާދާރުކަން އިތުރުކުރުމަށް ވަނީ ބާރުއަޅާފައެވެ.