ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މުވައްޒަފުންނަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރާނަމަ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފަށަންޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފިއެވެ.

މި އިންޒާރު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަމްހީދު ވިދާޅުވީ، ވަޒީފާތަކުން މުވައްޒަފުން ވަކިކުރާއިރު ވަކި ޓާގެޓެއް ހަދައިގެން ޒަމާންވީ އެމްޑީޕީ ކުދިން ކަނޑަން ފަށައިފިނަމަ، ސަރުކާރު ބަދަލުކުރަން ނުކުތުން އެ ޕާޓީއަށް ލާޒިމުވާނެ ކަމަށެވެ.

"ނަމަނަމަ ގޯސް ނަހަދާތި! މި ޕާޓީ މީހަކަށްވީތީ އެ އާއިލާ ބިކަކުރަން ނޫޅޭތި،"
ޝަމްހީދު

ޝަމްހީދު މިހެން ވިދާޅުވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގުމާ ގުޅިގެންނެވެ.

މި މަހުގެ 17 ވަނަ ދުވަހު ފީސީބީގެ ރައީސް މުހައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައި ފައިނޭންސް މިނިސްޓްރީން ވަނީ، ކުންފުނިތައް މާލީ ގޮތުން ބާރުވެރިކުރުވައި އިސްރާފު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފައެވެ. މީގެ ތެރޭގައި މުވައްޒަފުންގެ އަދަދު މަދުކުރުމުގެ އިތުރުން، މުވައްޒަފުން އައްޔަންކުރުމުގައި 'މެރިޓް ބޭސްޑް' ނުވަތަ ތައުލީމާއި ތަޖުރިބާއަށް ބަލައިގެން މީހުން ހޮވާ އުސޫލު ހަރުދަނާކުރުން ހިމެނެއެވެ.

ފައިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބަދަލުތަކަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފައިދާވާ ތަންތަނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުންތަކެކެވެ.

މީގެ ކުރިން ވެސް ޕީސީބީން ވަނީ ކުންފުނިތަކުގެ އިތުރުގަޑީގެ ހަރަދުތަކާއި، ދަތުރުފަތުރާއި، ކޮންމެހެން ބޭނުންނުވާ ހަރަކާތްތަކަށް ކުރާ ހަރަދުތައް ކުޑަކުރުމަށް އަންގާފައެވެ. ނަމަވެސް، އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަނީ މި ފިޔަވަޅުތަކުގެ ނިވާފަތްގަނޑުގައި ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކޮށްފާނެތީއެވެ.