ދިވެހިރާއްޖޭގެ އިސްލާމީ ހަޟާރަތުގައި އައުގާފުގެ ނިޒާމަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގައި އައުގާފު މަޝްރޫއުތައް އިތުރުކޮށް، އެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، އައުގާފު މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް، އައުގާފާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ކަންކަމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ ހަރުދަނާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ އިސްލާމީ ހަޟާރަތުގައި އައުގާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން. އިންޝާ ﷲ. ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި އައުގާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ﷲ ގެ ރަހުމަތްފުޅާއެކު މަސައްކަތްކުރާނަން،"
މިނިސްޓަރު ޝަހީމް

އައުގާފުގެ ނިޒާމު ހަރުދަނާ ކުރުމުގެ ބޭނުމަކީ އިސްލާމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމާއި، ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކޮށް، މުޖުތަމައުގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމެވެ. މި މަޝްރޫއުތަކުގެ ސަބަބުން މިސްކިތްތައް ބެލެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކޮށް، ހެޔޮ ބަދަލުތަކަކަށް މަގު ފަހިކުރަން މިނިސްޓްރީތައް މަދުކޮށް، ޖުމްލަ 10 މިނިސްޓްރީއެއްގެ މެންޑޭޓަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ، އެގޮތުން އިސްލާމިކް މިނިސްޓްރީއަށް ގެނައި ބަދަލާއިއެކު، އެމިނިސްޓްރީގެ ނަން މިހާރު ވަނީ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓްރީ ގެ ނަމަށް ބަދަލުކޮށްފައެވެ.