ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވައިފައި ވަނިކޮށް، މިއީ ރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އެކުލަވައިލަންވީ ވަގުތުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކެބިނެޓުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ.
މިހާރު ހިނގަމުންދާ ހަނގުރާމަ (އީރާން ހަނގުރާމަ) ގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ބޮޑުކޮށް ކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ބޭނުންޖެހިފައިވާ އަސާސީ އަދި އޮނިގަނޑުގެ އިސްލާހުތައް ގެނަން ޖެހޭކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
މިއަދު 10 ވަޒީރަކު ވަނީމަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުތަކަކީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލުތަކެކެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ނަޝީދު ވެރިކަމުގައި ހުންނެވި އިރު، ކެބިނެޓުގެ ހުރިހާ ވަޒީރުން ލައްވައި އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އެ ވެރިކަން ބަދަލުވި ދަނޑިވަޅުގައިވެސް، އަދި އޭގެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ކޯލިޝަނެއް އެކުލަވައިލުމުގެ މަސައްކަތުގައިވެސް އިންތިގާލީ އިންތިޒާމުތަކަކަށް އެމަނިކުފާނު ވަނީ ވަކާލާތު ކުރައްވައިފައި ވެއެވެ.
އެ ފަހަރު ނަޝީދަށް ވެރިކަން ކުރެއްވޭ ވަރުވީ 2 އަހަރެއްހާ ދުވަހަށެވެ.
މުރާސިލުން ވިދާޅުވަނީ، އޭރު ވެރިކަން ދޫކޮށްލައްވަން ނަޝީދަށް މަޖުބޫރުވެވަޑައިގަތީ، ހިންގުމުގެ ދާއިރާއަށް އެ މަނިކުފާނު ޅަ ވުމާއި ތަރުބާއެއް ނެތުމުގެ ސަބަބުންނެވެ.
