މުޅި ކެބިނެޓް އެއްކޮށް ރޫޅިގެން ދިއުމަކީ އާދައިގެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓް ރޫޅިގެން ދިއުމަކީ ސަރުކާރުގެ ހަމަޖެހުމެއް ނެތްކަމާ، މަގުބޫލުކަން ކުޑަވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ގައުމު ބޮޑު އިގުތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތްވައި، އަދި ދުނިޔޭގެ މަސްރަހު ވަރަށް ނާޒުކު ފައްތަރެއްގައިވާ މި ދަނޑިވަޅު، މިފަދަ ހަމަނުޖެހުންތަކެއް ތަހައްމަލުކުރުމުގެ ގާބިލުކަން ދިވެހިރާއްޖެއަކަށް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތު އެންމެ މުހިންމު ކަންތައް ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށް ގިނަ އަދަދެއްގެ މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަނީ ވަކިކޮށްފައެވެ. އެގޮތުން މިއަދުވެސް ކެބިނެޓުގެ 9 މިނިސްޓަރަކު ކުއްލި ގޮތަކަށް ވަނީ އިސްތިއުފާދެއްވާފައެވެ.

ރައީސް އޮފީހުން ވަނީ އެ ބޭފުޅުން އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް މި ބޭފުޅުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.