ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށާއި، އެއީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލައަކަށް ގެނެވުނު މުހިންމު ހައްލެއް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

2024 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި މި ބޮޑު ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މި އިސްލާހުގެ ދިފާއުގައި ގާނޫނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައެވެ،

އެގޮތުން ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ގޮތުގައި، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫންކަން އަމިއްލަ ޖަމިއްޔާތަކުން ހަދާފައިވާ ތަފާތު ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޑިމޮކްރަސީތަކުގައިވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ. މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ގާނޫނު ސައްހަ ކަމަށް އޭރުގެ ކޯޓުން ނިންމާފައިވާކަންވެސް ދައުލަތުން ހަނދާންކޮށްދިނެވެ.

ދައުލަތުން ބުނީ ގާނޫނު އަސާސީ މާނަކުރުމުގައި އެންމެ ފުރަތަމަ ބަލަން ޖެހޭނީ ގާނޫނު އަސާސީގައި ލިޔެފައި އޮތް ސާފު އިބާރާތްތަކަށް ކަމަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާއިރު، އެ އިސްލާހުތަކުގެ މައްސަލަ ކޯޓުތަކަށް ބެލޭނެ އެއްވެސް ބާރެއް ގާނޫނު އަސާސީން ދީފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންކަމުން، މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމައިދިނުމަށް ނުވަތަ ބެލޭނެ ކަމަށް ނިންމާ ހާލަތުގައިވެސް އިސްލާހު ސައްހަ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނެވެ.

މި މައްސަލައިގައި އަލީ ހުސައިންގެ ފަރާތުން ވަކާލާތުކުރައްވަމުން ވަކީލު އައިޝަތު ޝީނާ މުހައްމަދު ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އިސްލާހުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެއަށް އަސަރުކުރާ ކޮންމެ ބަދަލަކީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު މަޖިލީހަށް ލިބެނީ ވަކި ހާއްސަ އުސޫލުތަކެއްގެ ތެރެއިން ކަމަށާއި، އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި އޮތީ މަޖިލީހަށްވެސް ގާނޫނު އަސާސީއާ ހިލާފު ނުވެވޭނެ ގޮތަށް ކަމަށެވެ. އެހެންވެ، މަޖިލީހަށް ހައްދެއް ނެތް މިންވަރުގެ ބާރުތަކެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރުންގެ ގޮނޑި ގެއްލޭނީ ގާނޫނާ އެއްގޮތަށް ޕާޓީން ވަކިކުރުމުން ކަމަށް ދައުލަތުން ބުނި ނަމަވެސް، ސިޔާސީ ޕާޓީތަކުން އިންސާފުގެ ހަމަތަކާ ހިލާފަށް ކަންކަން ކޮށްފައިވާކަން ޝީނާ ފާހަގަކުރެއްވިއެވެ. މެންބަރުން ވަކިކުރާނީ ޕާޓީގެ އެތެރޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށްވާއިރު، މެންބަރުންގެ ގޮނޑި ގެއްލޭނީ ރަނގަޅަށް ކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އިދިކޮޅު އެމްޑީޕީންވެސް ވަކާލާތުކުރީ މި އިސްލާހު ބާތިލްކުރުމަށެވެ. އެމްޑީޕީން ބުނި ގޮތުގައި، މި އިސްލާހަކީ ދައުލަތުގެ ތިން ބާރު ވަކިވުމުގެ ނިޒާމަށް އަސަރުކޮށް، މެންބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ފުޅާ ދާއިރާއެއްގައި މަގުފަހިކުރާ ކަމެކެވެ.

މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތީ، މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިވެ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. އެގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރެވުނެވެ. މީގެ ތެރެއިން ފަނޑިޔާރު ސުއޫދު ފަހުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މަގާމުން ވަކިކޮށްފައެވެ. މިކަމުގެ ސަބަބުން މުޅި މައްސަލައިގެ ޝަރުއީ މަރުހަލާ އޮތީ މަޑުޖެހިފައެވެ.

މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ހަތް ފަނޑިޔާރުންގެ ހާއްސަ ބެންޗަކުންނެވެ. މި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.